ޖަރީމާ ހިންގަނީ ނަޝީދާއި އީވާ ގުޅިގެން، ސަރުކާރެއް ނޫން

Thu, 08 Jun 2023 07:29 PM

View on this article on adduLive

ޖަރީމާ ހިންގަނީ ނަޝީދާއި އީވާ ގުޅިގެން، ސަރުކާރެއް ނޫން

ރައްޔިތުންގެ މަޖިލީހުގައި މަރުތަޅު އަޅުވާފައިވަނީ ސަރުކާރުން ކަމަށް ވިދާޅުވެ މަޖިލީހުގެ ނައިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ދެއްކެވި ވާހަކަތަކަށް އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް ރައްދު ދެއްވައިފި އެވެ.

މަޖިލީހުގެ އިދާރާގައި މިއަދު ބޭއްވި ބައްދަލުވުމެއްގައި އީވާ ވިދާޅުވީ ރިޔާސީ އިންތިހާބުގެ ތިން މަސް ދުވަސް ކުރިން ސަރުކާރާއި މަޖިލީހުގެ މެޖޯރިޓީ ޕާޓީ ކަމަށްވާ، އެމްޑީޕީ ގުޅިގެން މަޖިލީހުގައި މަރުތަޅު އެޅުވީ ރައްޔިތުންގެ މަޖިލީހަށް ސަރުކާރު ޖަވާބުދާރީ ނުކުރެވޭނެކަން ކަށަވަރު ކުރުމުގެ ގޮތުން ކަމަށެވެ.

"އެނގި ހުރެ ރިޔާސީ އިންތިހާބުގެ ތިން މަސް ދުވަސް ކުރިން މަޖިލިސް ޑެޑްލޮކަކަށް އެ ގެންދިޔައީ ކަށަވަރު ކުރަން ވެގެން ރައްޔިތުންގެ މަޖިލީހަށް ދެން ސަރުކާރު ޖަވާބުދާރީ ނުކުރެވޭނެކަން. އެއަށް ވުރެ ރަނގަޅު ހާލަތެއް ނެތް ބާރުތައް ނަހަމަ ގޮތުގައި ބޭނުން ކުރަން ބޭނުންވާ ސަރުކާރަކަށް." އީވާ ވިދާޅުވި އެވެ.

އީވާގެ ވާހަކަތަކަށް ރައްދު ދެއްވަމުން ރޮޒެއިނާ ވިދާޅުވީ މިވަރަށް އޮޅުވާލާ ދޮގު ހަދަން ހެޔޮނުވާނެ ކަމަށާއި މަޖިލީހުގެ ކޮމިޓީތައް ހުއްޓުވައިގެން އުޅެނީ ގަވާއިދާ ހިލާފަށް ނަޝީދު ކަމަށެވެ. ނަޝީދު އެގޮތަށް އަމަލުކުރައްވަނީ ވެސް އީވާގެ އިތުބާރު ނެތްކަމުގެ ވޯޓު ނެގިޔަނުދޭން ކަމަށް ރޮޒެއިނާ ވިދާޅުވި އެވެ.

"ބޭނުން ތިވަނީ މެންބަރުންގެ އިތުބާރު ނެތަސް ގޮނޑީގަ އިންނަން. ތިކަން ސަރުކާރު ބޮލުގައި އަޅުވާނެކަމެއް ނެތް." ރޮޒެއިނާ ވިދާޅުވި އެވެ.

މަޖިލީހުން ކޮމިޓީއަށް ބަދަލެއް ނުގެންނަހާ ހިނދަކު، ކޮމިޓީ އޮންނާނެކަން އަދި ހިނގަންޖެހޭކަން މަޖިލީހުގެ ގަވާއިދު ވަރަށް ސާފުކޮށް ބަޔާންކުރާ ކަމަށާއި ނަމަވެސް އެކަން ހުއްޓުވައިގެން އުޅެނީ ސީދާ ނަޝީދާއި އީވާ ގުޅިގެން ކަމަށް ރޮޒެއިނާ ވިދާޅުވި އެވެ.

"ރާވައިގެން ތި ދެބޭފުޅުން ހިންގާ ހުތުރު ޖަރީމާ އެހެން މީހުން ބޮލުގައި ނާޅުވާ." ރޮޒެއިނާ ވިދާޅުވި އެވެ.

މަޖިލީހުގެ ރައީސް ނަޝީދަށް ބޮޑުބޭބެ ވިދާޅުވާ އީވާ ވަކިކުރަންް ހުށަހެޅީ 50 މެމްބަރުންގެ ސޮޔާ އެކީގަ އެވެ. އަދި ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަ ވެއްދީ 54 މެމްބަރުންގެ ސޮޔާއެކު އެވެ.

The post ޖަރީމާ ހިންގަނީ ނަޝީދާއި އީވާ ގުޅިގެން، ސަރުކާރެއް ނޫން appeared first on adduLIVE.



More from adduLive