ފުވައްމުލަކުގައި ޑައިވްކުރާ މީހުންގެ އަތުން ނަގާނެ ފީތަކެއް

Mon, 05 Jun 2023 10:37 AM

View on this article on adduLive

ފުވައްމުލަކުގައި ޑައިވްކުރާ މީހުންގެ އަތުން ނަގާނެ ފީތަކެއް

ޓޫރިޒަމްގެ ތެރެއިން ފުވައްމުލަކުގައި ޑައިވްކުރާ ފަރާތްތަކުގެ އަތުން ނަގާނެ އަގުތަކެއް ކަނޑައަޅައި އެ ސިޓީގެ އިހުތިިސާސްގެ ތެރޭގައި ހިމެނޭ ކަނޑުގެ ސަރަހައްދު ޓޫރިޒަމްގެ ބޭނުމަށް މެނޭޖްކުރުމާ ބެހޭ ގަވައިދެއް ފުވައްމުލަކު ސިޓީ ކައުންސިލުން އެކަލާވައި ގެޒެޓްކޮށްފި އެވެ.

މިއަދު ގެޒެޓްކުރި މި ގަވާއިދުގައިވާ ގޮތުން ތިން ކެޓަގަރީއަކުން ޑައިވްކުރާ ފަރާތްތަކުގެ އަތުން ފީ ނަގާނެ އެވެ. އޭގެ ތެރޭގައި ހިމެނެނީ ރާއްޖޭން ބޭރުގެ އުޅަނދުތަކާއި ފުވައްމުލަކުގެ ޑައިވިން ސެންޓަރުތަކާއި ފުވައްމުލަކުން ބޭރު ސަފާރީ އުޅަނދުތައް މެދުވެރިކޮށް ޑައިވްކުރާ ފަރާތްތަކެވެ.

އެގޮތުން ރާއްޖޭން ބޭރުން އަންނަ އުޅަނދުތަކުން ޑައިވްކުރަން އަންނަ ޓޫރިސްޓުން ޑައިވްކުރަން 15 ދުވަހުގެ މުއްދަތަށް ބޮލަކަށް 200 ޑޮލަރު ދައްކަން ޖެހޭނެ އެވެ. ޑައިވްކުރާ ޓޫރިސްޓުން ފުވައްމުލަކުގެ ޑައިވް ސެންޓަރަކާ ގުޅިގެން އެކަން ކުރާ ނަމަ 15 ދުވަހުގެ މުއްދަތަކަށް ބޮލަކަށް ނަގާނީ 40 ޑޮލަރެވެ. އަދި ފުވައްމުލަކުން ބޭރުގެ ސަފާރީގައި އަންނަ ޓޫރިސްޓުންގެ އަތުން 15 ދުވަހަށް ބޮލަކަށް ނަގާނީ 55 ޑޮލަރެވެ.

މީގެ އިތުރުން މި ތިން ކެޓަރީން ދިވެހިން އަދި ވޯކް ޕާމިޓް ހޯލްޑަރުންގެ އަތުން ފީގެ ގޮތުގައި ނަގާނީ 200، 20 އަދި 20 ޑޮލަރެވެ.

ކައުންސިލްގެ ގަވައީދުގައި ބުނެފައި ވަނީ ހޯދަން ޖެހޭ ހުއްދަ ނުހޯދައި ޑައިވްކުރާ ނަމަ އެ ފަރާތެއް ފުރަތަމަ ދެ ފަހަރު 5،000ރ. އިން ޖޫރިމަނާކުރެވޭނެ ކަމަށެވެ. އަދި އެކަން ތިން ވަނަ ފަހަރަށް ތަކުރާރުކޮށްފި ނަމަ ތިން މަސް ދުވަހަށް ހުއްދަ ހިފަހައްޓައި 5،000ރ. އިން ޖޫރިމަނާކުރާނެ އެވެ.

މީގެ އިތުރުން ޑައިވްކުރަން ކަނޑައަޅާފައވާ ސަރަހައްދުތަކުގައި ގައިޑެއްގެ ގޮތުގައި ހަރަކާތްތެރިވާން ހޯދަން ޖެހޭ ހުއްދަ ނުހޯދައި ހަރަކާތްތެރިވާ ނަމަ 5،000ރ. އިން ޖޫރިމަނާކުރާނެ އެވެ. ގަވައިދާ ހިލާފުވާ ފަރާތްތަކަށް އަލުން ހުއްދަ ދޭނީ 8،000ރ. އާ އެކީގަ އެވެ.

ޑައިވިން ސަރަހައްދުތަކަށް ކުނި އަޅާ ފަރާތްތައް 5،000ރ. އިން ޖޫރިމަނާކުރުމުގެ އިތުރަށް ޑައިވް ސަރަހައްދުތަކުގެ ދިރުންތަކަށް ގެއްލުން ލިބޭ ގޮތަށް އަމަލުކުރާ ނަމަ ވެސް 5،000ރ. އިން ޖޫރިމަނާކުރާނެ ކަމަށް ގަވައިދުގައި ބުނެ އެވެ.

ފުވައްމުލަކު ޑައިވިން ސަރަހައްދުކަށް ފީނާ މީހުންގެ އަތުން ފީ ނަގަން ނިންމައި އަގުތައް އާންމުކުރި އިރު، އެ ސިޓީ މިހާރު މިހާރު ޕްރޮމޯޓް ކުރަނީ ވެސް ޑައިވިން ޑެސްޓިނޭޝަނެއްގެ ގޮތުގަ އެވެ. އެގޮތުން ދާދި ފަހުން ބޭރުގެ ފެއާތަކެއްގައި ވެސް ކައުންސިލުން ބައިވެރިވެ، ފުވައްމުލައް ޑައިވިން ޑެސްޓިނޭޝަނެއްގެ ގޮތުގައި އިޝްތިހާރުކޮށްފައިވެ އެވެ.

The post ފުވައްމުލަކުގައި ޑައިވްކުރާ މީހުންގެ އަތުން ނަގާނެ ފީތަކެއް appeared first on adduLIVE.



More from adduLive