އަނުޝްކާ ކާންސްގައި ބައިވެރިވެއްޖެ

Sat, 27 May 2023 07:10 AM

View on this article on adduLive

އަނުޝްކާ ކާންސްގައި ބައިވެރިވެއްޖެ

ފްރާންސްގައި މިހާރު ކުރިއަށްދާ ކާންސް ފިލްމު ފެސްޓިވަލްގައި ބޮލީވުޑްގެ ބަތަލާ އަނުޝްކާ ޝަރުމާ އަލަށް ބައިވެރިވެއްޖެ އެވެ.

ކާމިޔާބު ފިލްމުތަކެއް ކުޅެފައިވާ ބަތަލާގެ ފުރަތަމަ ފެނިލުން އޭނަގެ ސޯޝަލް މީޑިއާ އެކައުންޓްތަކުގައި ހިއްސާކޮށްފަ އެވެ. އަނުޝްކާ ކާންސްގައި ބައިވެރިވި އިރު، އޭނަ ފިލްމަކުން ނުފެންނަތާ ގާތްގަނޑަކަށް ފަސް އަހަރު ވަނީ ވެފަ އެވެ. ކްރިކެޓް ތަރި ވިރާޓް ކޯލީއާ ކައިވެނިކޮށް މިހާރު އަންހެން ދަރިޔަކު ވެސް ހުރި ބަތަލާ އެންމެ ފަހުން ކުޅުނު ފިލްމަކީ ޝާހްރުކް ޚާންގެ 2018 ގެ "ޒީރޯ" އެވެ.

އެކަމަކު މިދިޔަ އަހަރުގެ ފަހުކޮޅު ނެޓްފްލިކްސް އިން ޕްރީމިއާކުރި ފިލްމު "ގަލާ" ގެ ހާއްސަ ފެނިލުމަކުން އަނުޝްކާ ފެނިފައިވެ އެވެ. އެއީ އޭނަ ޕްރޮޑިއުސަރެއްގެ ގޮތުގައި ވެސް ހިއްސާވި އެއްޗެކެވެ. ފިލްމު "ރަބް ނެ ބަނާދީ ޖޯޅީ" އިން 2008 ގައި ބޮލީވުޑަށް ނުކުތް ހުނަރުވެރި ބަތަލާ ކުޅުނު ފާހަގަކޮށްލެވޭ ފިލްމުތަކުގެ ތެރޭގައި "އޭ ދިލް ހެ މުޝްކިލް"، "ބޭންޑް ބާޖާ ބާރާތު"، "ޖަބް ތަކް ހެ ޖާން"، "ދިލް ދަޅަކް ނޭ ދޯ" އަދި "ޕީކޭ" ހިމެނެ އެވެ.

އަނުޝްކާގެ ކުރިއަށް އޮތް ފިލްމަކީ ކްރިކެޓް ކުޅުންތެރިއެއްގެ ރޯލުން ފެންނާނެ "ޗަކްދާ އެކްސްޕްރެސް" އެވެ.

މި މަހުގެ 16 ގައި ފެށި 76 ވަނަ ކާންސް ފިލްމު ފެސްޓިވަލް މިއަދު ނިންމައިލާނެ އެވެ. މި އަހަރުގެ ފެސްޓިވަލްގެ އިންޑިއާގެ ގިނަ ފަންނާނުންތަކެއް ބައިވެރިވެފައިވެ އެވެ. އަދި ބޮލީވުޑްގެ ފިލްމު "ކެނެޑީ" ވެސް ފެސްޓިވަލްގައި ޕްރީމިއާކުރި އެވެ. އަނޫރާގް ކެޝަޕް ޑައިރެކްޓްކުރި އެ ފިލްމުގެ ތަރިންނަކީ ސަނީ ލިއޯން އާއި ރާހުލް ބަޓެވެ.

The post އަނުޝްކާ ކާންސްގައި ބައިވެރިވެއްޖެ appeared first on adduLIVE.


More from adduLive