މަހިބަދޫ ސްޓޭޑިއަމަށް ޕެލޭގެ ނަން ދެނީ

Sat, 27 May 2023 06:04 AM

View on this article on adduLive

މަހިބަދޫ ސްޓޭޑިއަމަށް ޕެލޭގެ ނަން ދެނީ

އދ. މަހިބަދޫ ސްޓޭޑިއަމަށް މިދިޔަ އަހަރުގެ ފަހުކޮޅު މަރުވި ބްރެޒިލްގެ ލެޖެންޑް ޕެލޭގެ ނަން ދިނުމަށް ނިންމައިފި އެވެ.

ޕެލޭ ސްޓޭޑިއަމުގެ ނަމުން މަހިބަދޫ ފުޓުބޯޅަ ދަނޑަށް ނަންދީ އެ ސްޓޭޑިއަމް ހުޅުވަން ނިންމާފައިވަނީ މިއަދު ހަވީރު 15:15 ގަ އެވެ. ދަނޑު ހުޅުވުމުގެ ގޮތުން ހާއްސަ މެޗެއް ވެސް ކުޅުމަށް ނިންމާފައިވެ އެވެ. މި މެޗުގައި ބައްދަލުކުރާނީ ރާއްޖޭގެ ގައުމީ ފުޓުބޯޅަ ޓީމާއި މަހިބަދޫ ފުޓުބޯޅަ ޓީމެވެ.

ފީފާ ހުރިހާ މެމްބަރު ގައުމަކުން ވެސް އެ ގައުމެއްގެ ސްޓޭޑިއަމްއަކަށް ޕެލޭގެ ނަން ދިނުމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ދާދި ފަހުން ވަނީ ގޮވާލައްވައިފި އެވެ.

އިންފަންޓީނޯގެ ގޮވާލުމާ އެއް ގޮތަށް ބައެއް ގައުމުތަކުގެ ސްޓޭޑިއަމްތަކުގެ ނަން ޕެލޭގެ ނަމަށް ވަނީ ބަދަލުކޮށްފަ އެވެ.

ޕެލޭއަކީ ގިނަ ބަޔަކު ގަބޫލުކުރާ ގޮތުން ދުނިޔޭގައި މިހާތަނަށް އުފެދުނު އެންމެ މޮޅު އެއް ކުޅުންތެރިޔާ އެވެ. ޖުމުލަ 21 އަހަރުގެ ދިގު ފުޓުބޯޅަ ކެރިއަރުގައި ޕެލޭވަނީ 1281 ގޯލް ޖަހައިފަ އެވެ. މީގެ ތެރެއިން 77 ގޯލް އޭނާ ޖަހައިދީފައިވަނީ ބްރެޒިލަށް ކުޅުނު 91 މެޗުގަ އެވެ.

ޕެލޭ އަކީ ވޯލްޑްކަޕު ތިން ފަހަރު ހޯދި ހަމައެކަނި ކުޅުންތެރިޔާ އެވެ.


More from adduLive